ބެހި މަސްދަޅުތަކާއެކު ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ރައްޔިތުން ކިޔަކިޔާ ތިއްބާ ލިބުނު ބިލާއެކު ރައްޔިތުން ރަތަށް އަރައި ސްޓެލްކޯ އާއި ސަރުކާރަށް ބަވަން ފަށައިފިއެވެ.
މިރޭ ބިލްތައް ލިބުމާއެކު ސޯޝަލް މީޑިއާ އަށް އާންމުން ބަންޑުން ކޮށްލީ އެމީހުންގެ ކަރަންޓު ބިލުތަކުގެ ފޮޓޯއާއި ހިތް ހަމަ ނުޖެހުމުގެ ސްޓޭޓަސްތަކެވެ.
މި ރަމަޟާން މަހު ސަރުކާރުން ބެހި މަސްދަޅުގެ އަގު ކަރަންޓު ބިލާއި ފެންބިލުން ނަގާނެ ކަމަށް ގިނަ ބަޔަކު މީގެ ކުރިން ވެސް އައީ ކިޔަމުންނެވެ. އެގޮތުން މި މަހުގެ ބިލް ލިބުމާއެކު ގިނަ މީހުން ކޮށްފައިވާ ސްޓޭޓަސްތަކުން ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނާރާވަރުގެ ބޮޑެތި ބިލްތަކުގެ ވާހަކައެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުން ނިމި ދިޔަ މަހު ގޭގައި އެއްވެސް ވަރަކަށް ނޫޅެ ހުރިހާ އެއްޗެއް ނިއްވާލާފައި މާލެއިން ބޭރުގައި އުޅުނު އިރުވެސް ކުރިއަށް ވުރެ ބޮޑު ބިލެއް ވަނީ މިފަހަރު ލިބިފައެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ސްޓެލްކޯގެ ރޯދަމަހުގެ ބިލްތަކުގައި ޑިސްކައުންޓު ހިމެނިފައިވަނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސްދުވަސް ،(ފެބްރުއަރީ، މާރިޗް އަދި އެޕްރީލް) އުނި ކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވްރެޖެއް ހަދައި އެ އެވްރެޖަށްވުރެ ބޮޑު ނުވާނެ ހެން. އެވްރެޖް ބިލެއް ހެދި ނަމަވެސް އެ މަހުގެ އެކްޗުއަލް ރީޑިންގް ބިލްގައި ހިމެނިފައިވާނެ. މި ދެންނެވި 9 މަހުގެ ބިލް ހިސްޓްރީ ނެތްތަންތަނަށް އެންމެ މަދުވެގެންވެސް %10ގެ ޑިސްކައުންޓެއް ވާނީ ދެވިފައި." ކަމަށެވެ.
މި ވާހަކަ އަށް ވެސް ގިނަ ރައްޔިތުން ވަނީ ސްޓެލްކޯ އަށް ރައްދު ދީފައެވެ.