ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ އަނދަނީ. ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވި ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި!

އަލިފާން ރޯވި ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ބޯޓު އަޑިއަށް ގޮސްފައިވަނީ ދަންވަރު 2:07 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓުގެ ބައެއް ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށާ އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އަލިފާނުގެ މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓް" ން ގެއްލުނު، ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑުން ކުރަމުންދާ ކަމަށެވެ.

އެ އިދާރާއިން ބުނީ 18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ބުދަ ދުވަހުގެރޭ 21:07 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށާ އެ މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ދަނީ ބޮޑު އެހީތެރިކަމެއް ލިބެމުން ކަމަށެވެ.

ހޮޅުދޫ ބޯޓުގައި ރޯވީ ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށްނެވެ. މި ބޯޓުގައި އަލިފާން ރޯވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

advertisement
ހިޔާލު ދެއްވާ!