ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީވާން، ހެލްޕް ޑެސްކެއް އާންމު އެކުވެރި ގުޅުން، ދަ ކޮމަނާރސް ނުވަތަ ކޮތަރުކޮށި ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ.
ކޮތަރުކޮށި ޖަމިއްޔާއިން މީސްމީޑިއާގައި އާންމުކޮށްފައިވާ މެސެޖެއްގައި ބުނީ އޭޕްރީލް 4 ން ފެށިގެން އޭޕްރީލް 10 ވަނަ ދުވަހާއި ހަމަޔަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި މުއްދަތުގައި ކޮންމެ ދުވަހަކު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ދެމެދު ހުޅުމާލޭގައި ހުންނަ ޕޮޓު ކިއޯސްކް އެންޑް ކެފޭ، ފުރަތަމަ ފަންގިފިލާގައި ގާއިމްކުރާ ހެލްޕު ޑެސްކުން އެހީތެރިކަން ލިބޭނެ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.
އެހީތެރިކަން ބޭނުންވެގެން މި ހެލްޕް ޑެސްކަށް ވަޑައިގަންނަވާއިރު، ޕޯޓަލްއަށް ވަދެވޭނެހެން ފޯނު ނުވަތަ އެހެން ޑިވައިސްއެއް ގެނައުމަށާއި، އަދި ބަލަން ޖެހޭ ޑޮކިއުމަންޓްތަކުގެ ސޮފްޓް ކޮޕީ ގެނެސްދިނުމަށް ޖަމިއްޔާ އިން އެދިފައިވެއެވެ.
އަދި ކަމާ ގުޅުންހުރި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 7434000 ނަންބަރު ފޯނަށް ގުޅުއްވުމަށް އެ ޖަމްޢިއްޔާއިން އެދިފައިވާކަން ފާހަގަ ކުރެވެއެވެ.
ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތް ކުރަންފެށި 4000 އަދިވެސް ނިމިފައި ނުވާއިރު، ރައީސް ޞާލިޙްގެ ސަރުކާރު ނިމެން ދެ ދުވަހަކަށް ވެފައިވަނިކޮށް 2023 ނޮވެމްބަރުގައި ވަނީ އެ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައެވެ. ނަމަވެސް ގިނަ ޝަކުވާތަކެއް ލިބުމާއި ގުޅިގެން، އޭސީސީގެ އެންގުމަށް ކުރި އިވެލުއޭޝަނަށްފަހު އެ 4000 މީހުންގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށް ކަމަށް މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.