ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް، ލ. މާވަށް

ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިޤް ހޯދަން ކަނޑު މަގުންނާ ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި!

ތ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ރޭ އިރާކޮޅު އަލިފާން ރޯވި "ހޮޅުދޫ ބޯޓު"ން ސަލާމަތްވުމަށް ކަނޑަށް ފުންމާލި ލ. މާވަށު ޒުވާނެއް ކަމުގައިވާ ޢަލީ މުޝްފިޤު ޝަރީފު ހޯދުމަށް ކަނޑުމަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފާސްކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމަށް ކަނޑުގެ 53.04 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާ އަދި ކަނޑުއަޑިއަށް ޑައިވްކޮށްގެން 64،240 އަކަމީޓަރު، އަދި ވައިގެ މަގުން 4000 އަކަމީޓަރު ބަލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެމްޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދި ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އުމުރުން 25 އަހަރުގެ މުޝްފިޤް ހޯދުމަށް ޑްރޯން ވެސް ބޭނުން ކުރަމުން އަންނައިރު، ޑްރޯންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތް  ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ތ. ކަނޑޫދޫ ކައިރީގައި އޮއްވާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 21:07 ހާއިރު ކަމަށާ އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.

އަލިފާން ރޯވިއިރު، "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކޮށް ރޭ ވަނީ ތ. އަތޮޅު ކަނޑޫދޫއަށް ގެންގޮސްފައެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންނާ ތ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ކުރަމުން ދަނިކޮށް ރޭ ދަންވަރު 2:07 ހާއިރު އެ ބޯޓު ވަނީ އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން، ބޯޓުން ސަލާމަތްކުރި 2 މީހަކަށް ކަނޑޫދޫ ހެލްތު ސެންޓަރުން ވަނީ ފަރުވާ ދީފައެވެ. ފަރުވާ ދިނީ ދިވެއްސަކަށާ ބިދޭސީއަކަށެވެ. އެ ދެ މީހުންނަށް ވެސް ބޭރުފުށުން އަނިޔާ ލިބިފައި ނެތް ކަމަށް ހެލްތް ސެންޓަރުން ބުނެފައިވެއެވެ.

މުޝްފިޤަކީ މާލޭގައި ތަޢުލީމު ޙާޞިލް ކުރަމުން ވަޒީފާ އަދާ ކުރަމުން ދިޔަ ވަރަށް ދީނަށް ލޯބިކުރާ، އިމާމުވެ ނަމާދު ކުރާ ޤުރުއާނުގެ އަހުލުވެރިއެއް ކަމަށް މާވަށު މީހުން ބުނެއެވެ. އޭނާ ރަމަޟާންމަހު ފަހު ދިހައިގެ ޗުއްޓީގައި ރަށަށް ދިއުމަށްފަހު ކޮއްކޮއާއެކު އިއްޔެ މާވަށުން ފުރީ ވެސް އެރަށުމިސްކިތުގައި އިމާމުވެ އަޞުރު ނަމާދު ކުރުމަށްފަހުގައި ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!