އެންމެ ފުރަތަމަ ސުވަރުގެ ވަންނަ މީހާ؟

ސުވަރުގެއަކީ ﷲގެ ގެކޮޅެކެވެ. އެއީ ﷲގެ މެހުމާންސަރާއެވެ. އެތާނގައިވާ ނިޢުމަތްތަކަކީ ލާސާނީ ނިޢުމަތްތަކެކެވެ. މީހެއްގެ ލޮލަށް ދުވަހަކުވެސް ފެނިފައިނުވާ، މީހެއްގެ ކަންފަތަށް ދުވަހަކުވެސް އަޑު އިވިފައިނުވާ، މީހެއްގެ ހިތަށް ދުވަހަކުވެސް އަރައިފައިނުވާ ނިޢުމަތްތަކެއް ވާ ތަނެކެވެ. ސުވަރުގެއަކީ ﷲގެ އަޅުންގެ ތެރެއިން އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް ކިޔަމަންގަތް އަޅުންނަށް ހެޔޮ ޖަޒާދެއްވުމަށް ޓަކައި ތައްޔާރުކުރައްވައިފައިވާ ތަނެކެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކަކާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ވަރަށް ގިނަ ޙަދީސްފުޅުތަކެއްގައި ސުވަރުގޭގެ ބައެއް ސިފަތައް އައިސްފައިވެއެވެ.

1- ﷲ ތަޢާލާ  ވަޙީކުރެއްވިއެވެ. ((مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ.))

2- ސުވަރުގޭގެ މިސާލެއް ބަޔާންކުރައްވައި ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. ((مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ فِيهَا أَنْهَارٌ مِنْ مَاءٍ غَيْرِ آسِنٍ وَأَنْهَارٌ مِنْ لَبَنٍ لَمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِنْ خَمْرٍ لَذَّةٍ لِلشَّارِبِينَ وَأَنْهَارٌ مِنْ عَسَلٍ مُصَفًّى وَلَهُمْ فِيهَا مِنْ كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِنْ رَبِّهِمْ تقوى ވެރިންނަށް وعدކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّرކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ހުށްޓެވެ.))

3- ނަބިއްޔާ صلى الله عليه وسلم މުއުމިނުން ސުވަރުގެއަށް ޝައުޤުވެރިކުރައްވައި އެތައް  ބަސްފުޅުތަކެއް ޙަދީސްކުރައްވައިފައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީސްކުރެއްވިއެވެ. ((قالَ اللَّهُ أَعْدَدْتُ لِعِبادِي الصّالِحِينَ ما لا عَيْنٌ رَأَتْ، ولا أُذُنٌ سَمِعَتْ، ولا خَطَرَ على قَلْبِ بَشَرٍ، فاقْرَؤُوا إنْ شِئْتُمْ ﴿فلا تَعْلَمُ نَفْسٌ ما أُخْفِيَ لهمْ مِن قُرَّةِ أَعْيُنٍ﴾ ﷲވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ޞާލިޙު އަޅުންނަށްޓަކައި ލޮލަކަށް ފެނިފައިނުވާ ކަންފަތަކަށް އިވިފައިނުވާ އިންސާނެއްގެ ހިތަށް އަރައިފައިނުވާ ނިޢުމަތްތަކެއް ތައްޔާރުކުރެއްވީމެވެ. ފަހެ ތިޔަބައިމީހުން އެދޭނަމަ ﷲގެ ބަސްފުޅު ކިޔަވާށެވެ! " ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ.))

4- ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((يُنادِي مُنادٍ إنَّ لَكُمْ أنْ تَصِحُّوا فلا تَسْقَمُوا أبَدًا، وإنَّ لَكُمْ أنْ تَحْيَوْا فلا تَمُوتُوا أبَدًا، وإنَّ لَكُمْ أنْ تَشِبُّوا فلا تَهْرَمُوا أبَدًا، وإنَّ لَكُمْ أنْ تَنْعَمُوا فلا تَبْأَسُوا أبَدًا. فَذلكَ قَوْلُهُ عزَّ وجلَّ: ﴿وَنُودُوا أَنْ تِلْكُمُ الْجَنَّةُ أُورِثْتُمُوها بِما كُنْتُمْ تَعْمَلُونَ  ޤިޔާމަތްދުވަހުން ސުވަރުގޭގެ އަހްލުވެރީންނަށް ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދުޅަހެޔޮކަން ލިބިގެންވެއެވެ. އަދި ތިޔަބައިމީހުން ދުވަހަކުވެސް ބަލިނުވާނެތެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދިރިހުރުން ލިބިގެންވެއެވެ. ތިޔަބައިމީހުން ދުވަހަކުވެސް މަރުނުވާނެތެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް ޒުވާންކަން ލިބިގެންވެއެވެ. ތިޔަބައިމީހުން ދުވަހަކުވެސް މުސްކުޅިނުވާނެތެވެ. އަދި ތިޔަބައިމީހުންނަށް އަރާމާއި ނިއުމަތް ލިބިގެންވެއެވެ. ތިޔަބައިމީހުން ދުވަހަކުވެސް މާޔޫސްނުވާނެތެވެ. ފަހެ އެއީ ﷲ ޢައްޒަ ވަ ޖައްލަގެ ބަސްފުޅު "ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބައިމީހުން ކޮށް އުޅުނު عملތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ.))

 

އެންމެ ފުރަތަމަ ސުވަރުގެ ވަންނާނީ ކާކު

ﷲގެ ޚަލްޤުތަކުންގެ ތެރެއިން (ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ހިމެނޭ ގޮތަށް ) އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވަނީ މި އުންމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ. އެކަލޭގެފާނަކީ الرسول المُصطفىއެވެ. އެކަލޭގެފާނަކީ النبي المُجْتَبَىއެވެ. ރަސޫލުކަމާއި ނަބީކަން ޚަތުމު ކުރެއްވި މާތް ރަސޫލާއެވެ.

ރަސޫލުބޭކަލުންނަކީ ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމުގެ ވެރީންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَى بَعْضٍ مِّنْهُم مَّن كَلَّمَ اللّهُ وَرَفَعَ بَعْضَهُمْ دَرَجَاتٍ -އެއީ رسول ންނެވެ. ތިމަންރަސްކަލާނގެ އެ رسول ންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެބޭކަލުންގެ ތެރެއިން اللَّه (ސީދާ) ބަސް وحى ކުރެއްވި ބޭކަލުން ވެއެވެ. އަދި، އެކަލާނގެ، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ.))

އައްސަޢުދީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ. "މުޙައްމަދު صلى الله عليه وسلم އާ ބައްދަލުވެވަޑައިގެންނެވިނަމަ ކޮންމެ ރަސޫލުބޭކަލަކު ވެސް އެކަލޭގެފާނަށް އީމާންވެވަޑައިގެން އެކަލޭގެފާނަށް ތަބާވެވަޑައިގެން ނަޞްރުދެއްވީހެވެ. އެބޭކަލުންގެ އިމާމަކަށް އަދި ޤާއިދަކަށް ހެއްދެވީހެވެ."

ކައުރަސޫލާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((أنا سَيِّدُ ولَدِ آدَمَ يَومَ القِيامَةِ، وأَوَّلُ مَن يَنْشَقُّ عنْه القَبْرُ، وأَوَّلُ شافِعٍ وأَوَّلُ مُشَفَّعٍ – ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނަކީ އާދަމުގެ ދަރީންގެ ސާހިބާއެވެ. ކަށްވަޅުން އެންމެ ފުރަތަމަ ނުކުމެވަޑައިގަންނަވާނީ ތިމަންކަލޭގެފާނެވެ. އަދި އެންމެފުރަތަމަ ޝަފާޢަތްލައްވާނީ އަދި ޝަފާޢަތްލެއްވޭނީ ތިމަންކަލޭގެފާނަށެވެ.))

އަލްޤާޟީ ޢިޔާޟު ވިދާޅުވާ ގޮތުގައި "ޤުރްއާނާއި ޞައްޙަ އަސަރުންނާއި އުންމަތުގެ އިޖްމާޢުން އެނގޭގޮތުގައި ކައު ރަސޫލާ صلى الله عليه وسلم އަކީ އެންމެ މާތް އިންސާނާއެވެ. އެންމެ މާތް  ނަބިއްޔާއެވެ."

އިބްނު ކަޘީރު ވިދާޅުވިއެވެ. "ރަސޫލާ صلوات الله وسلامه عليه އަކީ ނަބީކަން ޚަތިމުކުރެއްވި ނަބިއްޔާއެވެ. އެކަލޭގެފާނަކީ އެއްވެސް ޝައްކެއްނެތްގޮތުގައި ދުނިޔެއާއި އާޚިރަތުގައި އާދަމުގެ ދަރީންގެ ސާހިބާއެވެ. އެކަލޭގެފާނުގެ މާތްކަމުގެ ތެރޭގައި ޤިޔާމަތްދުވަހުން ﷲ ތަޢާލާ އެކަލޭގެފާނު އެންމެ ފުރަތަމަ ސުވަރުގެ ވެއްދެވުންވެއެވެ. މި ކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޞައްޙަ އެތައް ބަސްފުޅުތަކެއް ވެއެވެ. އެއިގެ ތެރޭގައި މި ދަންނަވާ ބަސްފުޅުތައް ފާހަގަ ކުރަމެވެ.

1- ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أنا أكْثَرُ الأنْبِياءِ تَبَعًا يَومَ القِيامَةِ، وأنا أوَّلُ مَن يَقْرَعُ بابَ الجَنَّة – ޤިޔާމަތްދުވަހުން ނަބީބޭކަލުން ކުރެ އެންމެ ގިނަ ބަޔަކު ތަބާވާނީ ތިމަންކަލޭގެފާނަށެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުގައި އެންމެ ފުރަތަމަ ޓަކިދެއްވާނީ ތިމަންކަލޭގެފާނެވެ.)) ޓަކިދެއްވުމުގެ މާނައަކީ އެ ދޮރުކޮޅު ހުޅުއްވާދެއްވުމަށް އެދިވަޑައިގަތުމުން އެ ދޮރުކޮޅު ހުޅުއްވާދެއްވޭނީ އެ ކަލޭގެފާނަށެވެ. މި ބަސްފުޅުން އެނގޭގޮތުގައި އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވަނީ ކައު ރަސޫލާއެވެ.

2- ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتفْتِح فَيَقُولُ الْخَازِن: مَنْ أَنْتَ؟ فَأَقُول: مُحَمَّد، فَيَقُول: بِكَ أُمِرْتُ لَا أَفْتَحُ لِأَحَدٍ قَبْلَك – ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނު ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް ވަޑައިގެން ދޮރުކޮޅު ހުޅުވައިދެއްވުމަށް އެދިވަޑައިގަތުން ބަނޑޭރި ވިދާޅުވާނެއެވެ. ތިޔައީ ކޮން ބޭކަލެއްތޯއެވެ؟ ފަހެ ތިމަންކަލޭގެފާނު މިއީ މުޙައްމަދުގެފާނޭ ދެންނެވުމުން ވިދާޅުވާނެތެވެ. އަޅުގަނޑަށް އަމުރުކުރެއްވިގެން ވަނީ ކަލޭގެފާނުގެ ކުރިން އެހެން މީހަކަށް މި ދޮރުކޮޅު ހުޅުވާނުދިނުމަށެވެ.))

3- މާތްﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. رَسُولَ اللهِ صلى الله عليه وسلم ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((إني لَأَّولُ الناسِ تنشقُّ الأرضُعن جُمجَمَتي يومَ القيامةِ ولا فخرَ، وأُعطىلواءَ الحمدِ ولا فخرَ، وأنا سيِّدُالناسِ يومَ القيامةِ ولا فخرَ، وأنا أولُ منيدخلُ الجنَّةَ يومَ القيامةِ ولا فخرَ،وإني آتي بابَ الجنةِ فآخذُ بحِلَقِها – ޙަމަކަށަވަރުން ޤިޔާމަތްދުވަހުން ބިންގަނޑު ފަޅައިގެންދިޔުމުން އެންމެ ފުރަތަމަ ބޭރަށް ނުކުންނާނީ ތިމަންކަލޭގެފާނުގެ ހަށިކޮޅެވެ. އެކަމުގައި ފަޚްރުވެރި ކަމެއް ނެތެވެ. އެދުވަހުން ޙަމްދުގެ ދިދަކޮޅު ދެއްވޭނީ ތިމަންކަލޭގެފާނަށެވެ. އެކަމުގައި ފަޚްރުވެރި ކަމެއް ނެތެވެ. ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނު ވާނީ މީސްތަކުންގެ ސާހިބާއަށެވެ. މި ކަމުގައި އެއްވެސް ފަޚްރުވެރިކަމެއް ނެތެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް ވަޑައިގެން އޭގެ އަތްގަނޑުގައި ހިއްޕަވާ ހުށީމެވެ.))

އެންމެ ފުރަތަމަ ސުވަރުގެ ވަންނާނީ ކޮން އުންމަތެއް

ﷲ ތަޢާލާ މުޙައްމަދު ނަބިއްޔާއަށް ދެއްވައިފައިވާ ޚާއްޞަ އިމްތިޔާޒުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާ އުންމަތް ކަމުގައި އެކަލޭގެފާނުގެ އުންމަތުގެ ލެއްވުންވެއެވެ. އެކަލާނގެ މި އުންމަތް އެންމެ ހެޔޮ އުންމަތްކަމުގައި ލެއްވުންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ)) މާތް ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބުގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أُعْطيْتُ ما لم يُعْطَ أحَدٌ مِن الأنْبِياءِ، فقُلْنا يا رَسولَ اللهِ، ما هو؟ قالَ: نُصِرْتُ بالرُّعْبِ، وأُعْطيْتُ مَفاتيحَ الأرْضِ، وسُمِّيتُأحْمَدَ، وجُعِلَ التُّرابُ لي طَهورًا، وجُعِلَتْ أُمَّتي خَيْرَ الأُمَمِ ނަބީބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް ނުދެއްވޭ އެތައް ކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ. ފަހެ އަހުރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! ކޮން ކަންތައްތަކެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ، ތިމަންކަލޭގެފާނަށް ބިރުވެރިކަމުން ނަޞްރުދެއްވުމާއި، ބިމުގެ ތަޅުތަނޑިތައް ތިމަންކަލޭގެފާނަށް ދެއްވުމާއި، ތިމަންކަލޭގެފާނަށް އަޙްމަދުގެ ނަންދެއްވުމާއި، ޠާހިރުވެގަތުމަށް ވެލިލެއްވުމާއި،ތިމަންކަލޭގެފާނުގެ އުންމަތް އެންމެ ހެޔޮ އުންމަތް ކަމުގައި ލެއްވުމެވެ.))

މި އުންމަތުގެ ޚާޢްޞަ އިމްތިޔާޒުތަކުގެ ތެރޭގައި އިސްލާމްދީންނޫން ދީނެއް ﷲ ޤަބޫލުނުކުރެއްވުމާއި އިސްލާމީ ޝަރީޢަތް ޤިޔާމަތާ ޖެހެންދެން މަންސޫޚުނުކުރައްވައި ދެމެހެއްޓެވުން ވެއެވެ. މާތް ﷲ ވަހީކުރެއްވިއެވެ. ((وَمَنْ يَبْتَغِ غَيْرَالإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآَخِرَةِ مِنَ الخَاسِرِينَ دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.))

ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّكُم وفَّيتُمْ سَبعينَ أمَّةً، أنتُمْ خيرُها، وأَكْرمُها على اللَّهِހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ހަތްދިހަ އުންމަތް ފާއިތުވެގޮސްފައިވެއެވެ. ތިޔަބައިމީހުންނަކީ އެއިގެ ތެރޭގައިވާ އެންމެ ހެޔޮކަން ބޮޑު އުންމަތެވެ.ﷲގެ ޙަޟްރަތުގައި  އެންމެ މާތްއުންމަތެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((نَحْنُ الآخِرُونَ الأوَّلُونَ يَومَ القِيامَةِ، ونَحْنُ أوَّلُ مَن يَدْخُلُ الجَنَّةَ، بَيْدَ أنَّهُمْ أُوتُوا الكِتابَ مِن قَبْلِنا،وأُوتِيناهُ مِن بَعْدِهِمْ، فاخْتَلَفُوا، فَهَدانا اللَّهُ لِما اخْتَلَفُوا فيه مِنَ الحَقِّ އަހުރެމެންނަކީ ފަހުގެ މީހުންނީމުއެވެ. އެހެނަސް ޤިޔާމަތްދުވަހުން އަހުރެމެން ވާނީ އެންމެ އިސް މީހުންނަށެވެ. ސުވަރުގެ އެންމެ ފުރަތަމަ ވަންނަ ބަޔަކަށް ވަނީ އަހުރެމެންނެވެ. އެހެނަސް އެބައިމީހުންނަށް ވަނީ އަހުރެމެންގެ ކުރިން ފޮތް ލިބިފައެވެ. އަހުރެމެންނަށް ފޮތް ލިބުނީ އެބައިމީހުންގެ ފަހުންނެވެ. ފަހެ އެބައިމީހުން އެކަމުގައި ދެބަސްވިއެވެ. އެބައިމީހުން ދެބަސްވިޙައްޤު މަގަށް ﷲ އަހުރެމެންނަށް ހިދާޔަތުދެއްވިއެވެ.))

ނަވަވީގެފާނު ވިދާޅުވިއެވެ. " ފަހުގެ މީހުންގެ މާނައަކީ ޒަމާނުގެ ގޮތުން ފަސް ވާހަކައެވެ. އެހެނަސް ސުވަރުގެ ވަނުމުގައި އަހުރެމެންނަށް އިސްކަންދެއްވައިފައި ވެއެވެ." އިބްނު ޙަޖަރު ވިދާޅުވިއެވެ. " ދުނިޔޭގައި ވުޖޫދުވުމުގައި މި އުންމަތް ފަސްވިޔަސް އާޚިރަތްދުވަހުގައި މި އުންމަތް އިސްވެގެންވެއެވެ. އެންމެ ފުރަތަމަ މަޙްޝަރުކުރެވޭނީ އެމީހުންނެވެ. އެންމެ ފުރަތަމަ ހިސާބު ބެލެވޭނީ އެމީހުންގެއެވެ. އެންމެ ފުރަތަމަ ނިޔާކަނޑައެޅޭނީ އެމީހުންގެއެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަންނާނީ އެމީހުންނެވެ. "

އިބްނުލްޤައްޔިމު ވިދާޅުވެފައިވާ ގޮތުގައި " މުޙައްމަދު صلى الله عليه وسلم ސުވަރުގެ ވަދެވަޑައިގަންފުމަށް ދާންދެން އެހެން ނަބީބޭކަލަކަށް ސުވަރުގެ ވަދެވަޑައެއް ނުގެންނެވޭނެއެވެ. އަދި މުޙައްމަދުގެފާނުގެ އުންމަތުގެ މީހުން ސުވަރުގެ ވަނުމުގެ ކުރިން އެހެން އެއްވެސް އުންމަތަކަށް ސުވަރުގެ ނުވަދެވޭނެތެވެ. "

advertisement
ހިޔާލު ދެއްވާ!